ސުލޫކީ ޢިލްމްވެރިންގެ ނަޒަރުގައި އުނގެނުމަކީ
ތަޖުރިބާއާއި ފަރިތަކުރުމުގެ ސަބަބުން ދާއިމީ ގޮތުން ސުލޫކަށް އަންނަ ބަދަލެކެވެ.
އެހެންކަމުން، އުނގެނުމަކީ އެތެރޭގެ ޙަރަކާތެކެވެ. އެމީހެއްގެ ނަފްސުން އެކަމުގެ
އެއްވެސް ޢަލާމާތެއް ނުފެންނަނަމަ އުނގެނުނު ކަމަށް ގަބޫލެއް ނުކުރެވޭނެއެވެ.
ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތަކީ ވަކި އުޅުމެއް ބައްޓަން ކުރުވުމަށް މެދުވެރިކުރުވާ ނުވަތަ
މެދުވެރިވާ ޙާލަތަކާ ވިއްދައިގެން އޭގެ ރައްދެއްގެ ގޮތުން ސުލޫކަށް ނުވަތަ
އުޅުމަށް އަންނަ ބަދަލު ތަކަށް ރިޢާޔަތްކޮށްގެން އުނގަންނައިދިނުމެވެ. މި ތިއަރީ
މާނަކުރާ ގޮތުގައި އުނގެނުމަކީ މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ އަސަރެއްގެ
ނަތީޖާގެ ސަބަބުން ބޭރުފުށުން ހާމަވެ ފާޅުވާ ދާއިމީ ބަދަލެކެވެ. މި ބަދަލަކީ، ގަސްދުގައި ނުވަތަ ގަސްދުގައި ނޫން
ގޮތަކަށް ވެސް އަތުވެދާނެ ބަދަލެކެވެ. އެހެންކަމުން އެއީ، ރަނގަޅު ނުވަތަ ނުބައި
ބަދަލަކަށްވެސް ވެދާނެއެވެ. މި ތިއަރީގައި އިންސާނުންގެ ސުލޫކު ގުޅިފައިވަނީ
އޭނާގެ މާހައުލުގައި ކުރާ ތަޖުރިބާތަކާއި، ހިއްސާކުރާ ހިއްސާކުރުން ތަކާއެވެ. (އާމިނަތު ޝާފިޔާ އާދަމް. (2011))
ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާގެ
މަފްހޫމްތައް:
1-
ކްލެސިކަލް ކޮންޑިޝަނިންގ
ކްލެސިކަލް ކޮންޑިޝަނިންގ އަމާޒު ކުރެވެނީ ޢާޠިފީ ނުވަތަ
ނަފްސާނީ(އިންވޮލަންޓަރީ) ރައްދުތަކުގެ އުނގެނުންތަކަށެވެ. މިގޮތުން،
ކުރިން އެއްވެސް އަސަރެއް ކޮށްފައިނުވާ ނުވަތަ ކޮށްފައިވާ އަސަރާއި މުޅިން ތަފާތު
އަސަރެއް ގެނުވާ، އިޖާބަ ދިނުމަށް ތަމްރީނު ކުރެވިދާނެއެވެ. އެއީ ބިރުގަތުމާއި
މަސްތަކުގެ ޓެންޝަން ބޮޑުވުމާއި ދާހިއްލުމާއި ކުޅުދިޔާވުން ފަދަ އިންވޮލަންޓަރީ
އުނގެނުންތަކެވެ. މި ތިއަރީ ބުނާގޮތުން އެލިސިޓިންގ ސްޓިމިއުލާއެއްގެ ސަބަބުން
އުނގެނުން ހިނގާނެއެވެ. ޚާއްޞަކޮށް މީގައި އަންގައިދެނީ ދެ ސްޓިމިއުލީ އެއް އެކަތި
އަނެކެއްޗާއި ގުޅިގެން ފާޅުވާ ނަތީޖާ ނުވަތަ ރެސްޕޯންސް ހިނގައިގޮތެވެ.
ކުލެސިކަލް ކޮންޑިޝަނިންގ
އެންމެ ފުރަތަމަ ދެނެގަތް ފަރާތަކީ، 1920 ގެ
އަހަރު ތަކުގެ ތެރޭގައި، ރަޝިޔާގެ ފިޒިއޮލޮޖިސްޓެއް ކަމުގައިވާ އިވަން ޕަވްލޯވް
އެވެ. މިސާލަކަށް، މިތިއަރީގެ ބާނީ އީވާން ޕަވްލޯވް ގެ ދިރާސާ އަށް ބަލައިލާއިރު
ކުއްތާ ކާ އެއްޗެހި ފެނުމާއެކު ކުޅުދިޔާވެއެވެ. ނަމަވެސް، ރަނގަބީލެއްގެ އަޑު އިވުމަކުން އެސޮރު ކުޅުދިޔައެއް
ނުވެއެވެ. އޭގެފަހުން، ކާއެއްޗިއްސާ ރަނގަބީލުގެ އަޑާ ގުޅުވާލައެވެ. މިގޮތުން
ރަނގަބީލު ޖެހުމަށްފަހު ކާއެއްޗެހި ގެންދިއުން ތަކުރާރު ކުރުމުން އެ އަޑަށް ކުއްތާ
ހޭނޭނެއެވެ. އަދި، ފަހުން ހަމައެކަނި ރަނގަބީލުގެ އަޑު އިވުމުންވެސް ކުއްތާ
ކުޅުދިޔާ ވެއެވެ. މިގޮތަށް ހަމަ ކުދިންވެސް ވަކިގޮތަކަށް ހާނުވާ އެކުދިންގެ ސުލޫކު
ވަކިގޮތަކަށް ބައްޓަންކުރެވިދާނެއެވެ. މިސާލަކަށް މުދައްރިސް ކުލަހަށް ވަނުމާ އެކު
ދަރިވަރުން ކޮޅަށް ތެދުވުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އެގޮތަށް
އެކަން އެ ހިނގަނީ ދަރިވަރުން އެގޮތަށް ހާނުވަފައި (ކޮންޑިޝަން ކުރެވިފައި) ވާތީއެވެ.
މިގޮތުން، ފުރަތަމަ ދުވަސްކޮޅު މުދައްރިސް ކުލާސް ފެށުމުގެ ކުރިން ދަރިވަރުން
ކޮޅަށް ތެދުވަން ބުނެ، އެ ކުދިން ތެދުވުމުން މެނުވީ ކުލާސް ފަށާފައި ނުވާތީ،
މުދައްރިސް އައިސް ކުލާހުގެ ކުރިމަތީގައި ހުއްޓުމާއެކު ހުރިހާ ދަރިވަރުން ތެދުވަން
އެވަނީ ހޭނިފައެވެ. އެހެންކަމުން އެކުދިންގެ އުޅުން އެވަނީ އެގޮތަށް
ބައްޓަންކުރެވިފައެވެ.
2-
އޮޕަރެންޓް ކޮންޑިޝަނިންގ
އިންސާނާގެ
އަމިއްލަ ޤަޞްދުގައި ކުރާކަންތައްތަކުން ދަސްކުރާ ނުވަތަ އުނގެނޭ އުނގެނުމުގެ މަސައްކަތްތަކީ
އޮޕަރެންޓް ކޮންޑިޝަނިންގއެވެ. އެހެނީ، އިންސާނާގެ ސުލޫކުގެ ނަތީޖާއެއްގެގޮތުން
އޭނާއަށް އިނާމެއް ނުވަތަ އަދަބެއް ލިބޭ ލިބުމުގެ މަގުން އޭނާއަށް ދަސްވާ
ދަސްވުންތަކެވެ. މި ތިއަރީ ބުނާގޮތުން އުނގެނުން ބިނާވެފައިވަނީ އެކަމަށް އަސަރު
ކުރުވާ ކަމެއްގެ ނަތީޖާގެ (ކޮންސިކުއެންސް) ސަބަބުންނާއި، އެކަމުން އަސަރު ކުރުވާ
ކަންތައްތަކެއްގެ (އެންޓިސިޑެންޓްސް) ސަބަބުންނެވެ. މިސާލަކަށް: ޓީޗަރުގެ ކިބައިން
ނުވަތަ ބެލެނިވެރިޔާގެ ކިބައިން އިނާމު ލިބިގަތުމުގެ ބޭނުމުގައި ހަވާލުކުރެވޭ
ހޯމްވޯރކްތައް ނިންމާ ދަރިވަރުންނާއި، ވަޒީފާގެ ކުރިއެރުން ލިބިގަތުމަށް
އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ނިންމަމުންދާ މުވައްޒަފުންނެވެ.
މި މިސާލުތަކަށް ބަލާއިރު، ސުލޫކު ބަހައްޓާގޮތަކުން އެ ސުލޫކަށް އިނާމެއް
ލިބޭނެކަން މީހާއަށް އެނގިފައި އޮތުމުން، އޭނާގެ ސުލޫކު އިތުރުވެގެން ދެއެވެ.
އޮޕަރެންޓް ކޮންޑިޝަނިންގ ގެ ބައިތައް:
- ރީ
އިންފޯސްމެންޓް ( ތަރުޙީބުދިނުން ނުވަތަ ބާރުއެޅުން )
ތަރުޙީބުދިނުމަކީ
ސުލޫކާއި ގުޅުވައިގެން ކުރިމަތިވާކަންކަން އިތުރުކޮށް ސުލޫކް ކުރިއެރުވުމެވެ.
މިގޮތުން، ކަމަކާ ގުޅިގެން އަންނަ ސުލޫކު އެކަމަކުން އިތުރުކޮށްދޭ ނުވަތަ
ބާރުގަދަކޮށްދޭ ކޮންމެ ކަމެއް ވާނީ ތަރުޙީބުދިނުމަކަށް ނުވަތަ ރީ އިންފޯސްމަންޓަކަށެވެ.
ތަރުޙީބުދިނުން ނުވަތަ ރީ އިންފޯސްމެންޓް ދެ ބަޔަކަށް ބެހެއެވެ. އެއީ
"ޕޮޒިޓިވް ރީ އިންފޯސްމަންޓް" އާއި "ނެގެޓިވް ރީ
އިންފޯސްމަންޓް" އެވެ.
Ø ޕޮޒިޓިވް ރީ އިންފޯސްމަންޓް އަކީ ސްލޫކުގެ ފަހުން އެ ސްލޫކާ ގުޅުވައިގެން
ދެވޭ ހިތް އެދޭ ހަދިޔާއެއް، ކަމެއް ނުވަތަ ތައުރީފެކެވެ. މިސާލު:
ގަޑި ނިމެންވާއިރަށް ފިލާވަޅު ހަދާ ނިންމާ ކޮންމެ ކުއްޖަކަށް ސުމައިލް ފޭސްއެއް
ދޭނަމޭ ބުނުން.
Ø
ނެގެޓިވް ރީ އިންފޯސްމަންޓް އަކީ
ސުލޫކުގެ ފަހުން، އެ ސުލޫކާ
ގުޅިގެން ބޭނުންނުވާ ނުވަތަ ހިތް ނޭދޭކަމެއް ހުއްޓުވުމަށް ނުވަތަ އެކަމަކުން ދުރުކުރުވުމަށް
ކުރެވޭ ކަންކަމެވެ. މިސާލު: މިއަދު ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދީފިނަމަ
ހޯމްވޯކެއް ނުދޭނަމޭ ބުނުން.
އަދަބުދިނުން
(ޕަނިޝްމަންޓް)
މިއީ ކުއްޖާގެ ސުލޫކާއި ގުޅިގެން އޭނާގެ
ހިތް ނޭދޭ ނުވަތަ ނުރަނގަޅު ނަތީޖާއެއް ދޭ ކަންކަން އެ ސުލޫކުގެ މައްޗަށް ތަޢާރަފު
ކުރުމެވެ. އަދަބުދިނުން ނުވަތަ ޕަނިޝްމަންޓް ވެސް ދެ ބަޔަކަށް ބެހެއެވެ. އެއީ
"ޕޮޒިޓިވް ޕަނިޝްމަންޓް" އާއި "ނެގެޓިވް ޕަނިޝްމަންޓް" އެވެ.
·
ޕޮޒިޓިވް ޕަނިޝްމަންޓް އަކީ ކުއްޖާކުރާ
ނުރަނގަޅުކަމެއް ހުއްޓުވުމަށް ކުއްޖާގެ ހިތް ނޭދޭކަމެއް ކުރުވުމެވެ. ނުވަތަ ސުލޫކު
މަދު ކުރުމަށްޓަކައި އެ ސުލޫކާއި ގުޅުވައިގެން ނުރަނގަޅު ނުވަތަ ހިތްނޭދޭ
ނަތީޖާއެއް ގެނެސްދިނުމެވެ. މިސާލު: ކުލާހުގައި ފިލާވަޅުބުނެދެއްވާއިރު
ވާހަކަދެއްކުމުން ކުލާހުން ބޭރަށްލާނެކަމުގައި ބުނުން.
·
ނެގެޓިވް ޕަނިޝްމަންޓް އަކީ އުޅުން ބަހައްޓާގޮތަކުން
އެކަމަކުން ދުރުކުރުވުމަށް އޭނާގެ ހިތް އެދޭކަމަކުން ދުރުކުރުވުމެވެ. ނުވަތަ ކުރާ
ހިތްވާކަމަކުން ދުރުކުރުވުމެއެވެ. ސުލޫކު ބަހައްޓާ ގޮތާއި ވިދިގެން އެއާ
ގުޅިފައިވާ ހިތްއެދޭ ކަންތައްތައް ނުވަތަ ކުރާ ހިތްވާކަމަކުން އޭނާ ދުރުކުރުން
ނުވަތަ މަޙްރޫމްކުރުމެވެ. މިސާލު: ހޯމްވޯކް ނަހަދައިފިނަމަ ސްކައުޓަށް ނުދެވޭނެއޭ
ބުނުން. ( cst413 notes)
ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާގެ ކަމުދާ ސިފަތައް
ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާ ގައި ކަމުދާ ވަރަށް ގިނަ
ސިފަތަކެއް ވެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ސަބަބުތައް ތިރީގައި
އެވަނީއެވެ.
v ރަނގަޅު ސުލޫކަށް ހިތްވަރުދެވޭތީ ކުދީންގެ ޝަޢުޤުވެރިކަން އިތުރުވެގެންދިއުން.
v ނުރަނގަޅު ސުލޫކަށް އަދަބު ދެވުމުން އެއީ ގޯސްކަމެއް ކަމާއި އެކަން
ތަކުރާރުކޮށް ދެމިހުންނަން ނުޖެހޭކަން ހަނދާންވުން.
v ތަންފީޒުކުރަން ފަސޭހަވުން.
v ބެލެހެއްޓެނިވި ގޮތެއްގައި އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދިނުން.
ރިފަރެންސް
1.
އާމިނަތު
ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ، ސްތަޑީ ގައިޑް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީ.
ޝަހުލާ މުޙައްމަދު .(2013) .އަންސްޓޭންޑިންގ ޕެޑަގޮޖީ އެންޑް ލާރނިންގ
ތިއަރީޒްގެ ނޯޓުސް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ
No comments:
Post a Comment