Thursday, May 8, 2014

ކޮގްނިޓިވް ލާރނިންގ ތިއަރީ

މި ތިއަރީ ބުނާ ގޮތުން އުނގެނޭ ފަރާތާ މާހައުލާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. މި ނަޒަރިއްޔާތުގެ ޢިލްމުވެރިންގެ ނަޒަރުގައި އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްސާ ފަހުން ދަސްވާ އެއްޗެހި ގުޅުވައިލައިގެންނެވެ. އެހެންކަމުން މި ތިއަރީގައި މައިގަނޑު ގޮތެއްގައި އުނގެނުން މާނަކުރަނީ ކުރިން އެނގިފައިވާ ތަކެތިންނާއި މާހައުލުން ލިބޭ މަޢުލޫމާތު ގެންގޮސް ސިކުނޑީގައި ޖަމާކުރާ ކުރުމަށެވެ. މި ނަޒަރިއްޔާގެ މައިގަނޑު މޮޑެލަކީ އިންފޮމޭޝަން ޕްރޮސެސިންގ ތިއަރީ (އައި ޕީ ޓީ) ނުވަތަ އިންފޮމޭޝަން ޕްރޮސެސިންގ މޮޑެލް (އައި ޕީ އެމް) އެވެ. މަޢުލޫމާތު ސިކުނޑީގައި ރައްކާކުރެވޭ ގޮތް އަޅާ ކިޔެނީ ކޮމްޕިޔުޓަރ ގައި މަޢުލޫމާތު ރައްކާކޮށް ބޭނުންކުރެވޭ ގޮތާއި ކައިރި ގޮތެއްގެ ގޮތުގައެވެ. މި ވިސްނުމުގައި މާޙައުލުން މަޢުލޫމާތު ވަންނަ ތިން ޖާގައެއް (މެމޮރީ) އިންފޮމޭޝަން ޕްރޮސެސިންގ މޮޑެލްގައި ސިފަކުރެވިފައި ވެއެވެ. އެއީ، މަޢުލޫމާތު އަލަށް ރަޖިސްޓްރީކުރެވޭ ތަނާއި (ސެންސަރީ ރެޖިސްޓަރ) އާއި މަޢުލޫމާތު ބޭނުންކުރެވޭ ތަނާއި (ވަރކިންގ މެމޮރީ) އަދި މަޢުލޫމާތު ދިގު މުއްދަތަށް ރައްކާކުރެވޭ ތަން (ލޯންގޓާރމް މެމޮރީ) އެވެ. މި ތިއަރީއަށް ރިޔާޢަތްކުރާއިރު ސިކުނޑީގައި މަޢުލޫމާތު ރައްކާ ކުރުމަށް ތިން މަރުޙަލާއެއް ކުރިމަތި ކުރުވަ އެވެ.

މޮޑެލްގައި ހާމަކުރާ ގޮތުގައި އެއް ޖާގައިން އަނެއް ޖާގައަށް މަޢުލޫމާތު ބަދަލުކުރެވެނީ ވަކި ޚާއްޞަގޮތްތަކެއް މެދުވެރިވެގެންނެވެ. މިގޮތުން، އަންނަނިވި ގޮތްތައް ފާހަގަކުރެވެއެވެ.
ü       ސަމާލުކަން ދީގެން (އެޓެންޝަން)
ü       އަމިއްލަ ވިސްނުމުން އެނގިފައިވާކަމަކާއި ގުޅުވައިގެން (ޕާރސެޕްޝަން)
ü       ކިޔައި ތަކުރާރުކޮށް މުރާޖަޢާކޮށްގެން (ރިހާސަލް)
ü       ތަފާތު ނަންނަން ދީގެން ކަންކަމާއި ގުޅުވައިގެން (އެންކޯޑިން)
ü       ހަނދާނަށް ގެނެސްގެން (ރިޓީރީވަލް)
                                                                   
     މި މޮޑެލްގެ އެހީތެރިކަމާއެކު ކުލާސްރޫމުގެ ކިޔަވައިދިނުން ރަނގަޅު ކުރެވިދާނެ ތަފާތުގޮތްތައް:
ü     މަޢުލޫމާތުތައް  ތާޒާކުރުމަށް ފުރުޞަތު ފަހިކޮށްދިނުން.
ü     މުހިއްމު ނުކުތާތައް ފާހަގަކޮށްދެމުން ކިޔަވައިދިނުން.
ü   މަޢުލޫމާތު ފޯރުކޮށްދޭއިރު ރޭވިގެން ތަރުތީބުން ގެންދެވޭ ބައިތަކެއްގެ ގޮތުގައި މަސްހުނިނުކޮށް ކިޔަވައިދިނުން.
ü       ކުރިން އެގިފައިވާ މަޢުލޫމާތު އާއި ފަހުން އެގިގެންދާ މަޢުލޫމާތާއި ގުޅިގެންދިއުން.

ރިފަރެންސް
1-      އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ، ސްޓަޑީސް ގައިޑް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.

No comments:

Post a Comment