Thursday, May 29, 2014

ސޯޝަލް ކޮގްނިޓިވް ލަރނިންގ ތިއަރީ
ސޯޝަލް ކޮގްނިޓިވް ލަރނިންގ ތިއަރީ އުފެދިފައިވަނީ ނަފްސާނީ ޢިލްމުވެރިއެއްކަމަށްވާ އަލްބަޓް ބަންދޫރާގެ ވިސްނުމުގެ މައްޗަށެވެ. އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާ ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް ބަދަލުވުން ކަމުގައި އަލްބަޓް ބަންދޫރާ (1986) ހާމަކުރައްވައެވެ. މިތިއަރީގައި ބަންދޫރާ ފާހަގަކުރާ މައިގަޑު ކޮންސެޕްޓަކީ ''ރެސިޕްރޯކަލް ރިލޭޝަންޝިޕް'' ނުވަތަ ''ގުޅިލާމެހިފައިވާ ގުޅުން'' މިއެވެ.  މި ކޮންސެޕްޓް  ބަންދޫރާ ތަފްޞީލް ކުރަމުން ފާހަގަކުރާ ގޮތުގައި މިގުޅުމުގައި މައިގަނޑު ތިންބައެއް ހިމެނެއެވެ. އެބައިތަކަކީކަމެއް ނުވަތަ ސުލޫކު (ބިހޭވިއަރ)، މާހައުލު،  އަދި މީހާގެ ވިސްނުމެވެ. މިއިން ކޮންމެ ބައެއް އެއްކަމެއް އަނެއްކަމަކަށް އަސަރުކުރުވައެވެ.



މޮޑެލިން (ނަމޫނާ ބެލުން):
ބަންދޫރާ (1986) ހާމަކޮށްފައިވާ ގޮތުގައި ކުދިން ވަށައިގެން އުޅޭ އެކިއެކި މީހުން ކުރާ ކަންކަން ބަލައި ކޮޕީކޮށްގެން އެކަން މޮޑެލް ކުރެއެވެ. މިގޮތުން އޭނާ މޮޑެލިންގެ ތިން ވައްތަރެއް ވާކަމަށް ފާހަގަ ކުރައްވާފައި ވެއެވެ. އެއީ ޑައިރެކްޓިވްކޮށް މޮޑެލް ކުރުމާއި، ސިމްބޮލިކްކޮށް މޮޑެލް ކުރުމާއި، ސިންތިސައިސްކޮށް މޮޑެލް ކުރުމެވެ.  މި މޮޑެލްގައި ކުދިން ވަށައިގެންއުޅޭ އެކިމީހުން ކުރާ ކަންތައް ބަލާ ކޮޕީކޮށްގެން އެކަން އެގޮތަށް މޮޑެލްކުރަން މަސައްކަތް ކުރެއެވެ. ނުވަތަ އެކުދިން އެކަން ފެނުނުގޮތަށް ނަކަލު ކުރެއެވެ.  
1.  ޑައިރެކްޓް މޮޑެލް ކުރުން
ޑައިރެކްޓް މޮޑެލް ކުރުމަކީ ފެންނަ ކަމެއް އެއަށް އެއްވެސް ބަދަލެއް ނުގެނެސް މޮޑެލް ކުރުމެވެ. މިއީ ތުއްތު ކުދިންގެ ކިބައިން ވެސް ވަރަށް އާންމުކޮށް ފެންނަ ސިފައެކެވެ. ކުއްޖެއްގެ އަތުން އެއްޗެއް ވެއްޓި އަޑެއް ކިޔައިފި ނަމަ، އެއަޑު އެއީ ކަމުދާ އަޑަކަށް ވެއްޖެނަމަ އެ އެއްޗެއް ދެ ވަނަ ފަހަރަށް ވައްޓައިލަ އެވެ. މީގެ މިސާލަކީ، ކުއްޖެއްގެ އަތުން ކުކުޅު ބިހެއް ވެއްޓި ތެޅިއްޖެ ނަމަ ދެ ވަނަ ފަހަރަށް ވެސް އެފަދަ ބިސްހެއް ދިނުމުން ވައްޓައިލާ ތަޅާލާ ކަމެވެ. މިއީ އެކި ފަހަރުފަހަރުގެ މަތިން ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. ހަމައެއާއާއެކު، މަދަރުސީ މާޙައުލަށް ބަލައިލައި އިރު، އާރޓް ކިޔަވާ ކުދިން އެއްޗެއްގެ ނަމޫނާ ދެއްކުމުން އެ އެއްޗެއް ހަމަ އެ ގޮތަށް ކުރަހާ ކުލަޖައްސަން ޝައުޤުވެރިކަމާއެކު މަސައްކަތް ކުރެ އެވެ. އެހެންކަމުން މި ގޮތަށް މޮޑެލް ކޮށްގެން ކުދިން އުނގެނެ އެވެ.މިސާލަކަށް: ކުލާހުގައި ދިވެހިރާއްޖެ ޤައުމީ ރުއް ކުރަހާގޮތް ކިޔާދިނުމުން އެގޮތް  އެއްވެސް ބަދަލެއް ނުގެނެސް ކޮޕީކުރުންމެވެ.

2.  ސިމްބޮލިކްކޮށް މޮޑެލް ކުރުން
ފޮތްތަކުންނާއި ޓީވީންނާއި، ވާހަކަތަކުން  ނުވަތަ ޝަޚުޞިއްޔަތުންގެ ސިފަތަށް ކުދިން ނަކަލު ކުރެ އެވެ. މިސާލަކަށް މަޝްހޫރު ކުޅުންތެރިންގެ ބޮލުގެ އިސްތަށިގަނޑާއި، މަޝްހޫރު ފިލްމީ ތަރިން ހެދުންއަޅާ ގޮތާއި، އެމީހުން ދައްކާ ވާހަކަތައް ކުދިން ކޮޕީ ކުރެ އެވެ. ސްކޫލުގެ މާޙައުލުގައި ވެސް މުދައްރިސުން ކުރާ ކަންތައްތައް ކުދިން ވަރަށް ފަސޭހައިން ކޮޕީ ކުރެ އެވެ. ޕްރީސްކޫލް ކުދިން ގެއަށް އައިސް މީސް ދައްކާ ވާހަކަތަކާއި، ކުލާހުގައި މިސްގެ ޙަރަކާތްތައް ކޮޕީ ކުރެ އެވެ.
3.   ސިންތިޒައިޒް ކޮށް މޮޑެލް ކުރުން
މީހެއްގެ ފަރާތުން ނުވަރަ އެހެންވެސް ގޮތަކުން ފެނުނު ކަމެއް ބަދަލަކާއެކު ނުވަތަ އެހެން ގޮތަކަށް ބަދަލުކޮށްގެން ކުދިން އެކަން ކުރެ އެވެ. މިސާލަކަށް، އާޓް ގަޑީގައި ގެއެއް ކުރަހަން ނަމޫނާ ދެއްކުމަށްފަހު، އެ ކުއްޖަކު ބޭނުން ގެއެއް ކުރަހަން ޙަވާލު ކޮށްފިނަމަ، އެ ފެނުނު ގެއަށް ތަފާތު ބަދަލުތައް ގެނެސްގެން އެހެން ގެއެއް ކުރަހަފާނެ އެވެ. މީހަކު ލަވައެއް ކިޔާ އަޑު އިވުމުން ކުދިން އެ ކުދިންގެ އަމިއްލަ ރާގަށް ފައްތާލައިގެން ގހަމަ އެ ލަވަ ތަކުރާރު ކުރެ އެވެ. ހަމައެއާއެކު، އެ ލަވައިގައި ކިޔާ އެއްޗެއް ނޭނގިއްޖެ ނަމަ، އެ ލަވައިގެ ރާގަށް އެހެން ލަވައެއް ހަދައިގެން ކިޔާތަން ވެސް އާދެ އެވެ.

ބަލައިގެން އުގެނުން

       ބަންދޫރާ ފާހަގަކުރާ ގޮތުގައި ކުދިން ހަމައެކަނި ބަލައިގެން ދަސްކުރަނީކީ ނޫނެވެ. އެކަމެއް ކޮށްފިނަމަ ވާނެގޮތްވެސް އެނގެއެވެ. ހަޤީޤަތުގައި ބަލައިގެން އުގެނުން މިއީ ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭންޖެހޭ އުނގެނުމުގެ ވައްތަރެކެވެ. ބަލައިގެން އުނގެނުމަށް ފުރުޞަތު ދިނުމަށްޓަކައި ކިޔަވައިދިނުމުގައި ބޭނުންކުރުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ވިސްނުން މުހިއްމެވެ.
v         ސަމާލުކަން (އެޓެންޝަން)
v       ބެލުމަށްފަހު އަމިއްލައަށް ކުރުމުގެ ޤާބިލުކަން (ޕްރޮޑަކްޝަން)
v             ދެކެފައިވާކަމެއް ހަނދާނަށް ގެނައުން(ރިޓެންޝަން)
v            ކަމެއް ކުރުން (ޕާރފޯމަންސް) މީގައި ޝައުޤުވެރިކަން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

އެހެންމީހުންގެ ފުށުން އުނގެނުން (ވިކޭރިއަސް ލަރނިންގ)
     މިއީ އެހެންމީހުންގެ ތަޖުރިބާ އިން ދަސްކުރުން ނުވަތަ އުނގެނުމެވެ. ޢާއްމުކޮށް މިގޮތަށް އުނގެނެވެނީ އެހެންމީހުންނަށް ދިމާވާ ކަންކަމުގެ ނަތީޖާއަށް ބަލައިގެން އޭނާގެ ސުލޫކު ވަކިގޮތަކަށް ބަދަލު ކުރުމުންނެވެ. މިގޮތުން، ވިކޭރިއަސްކޮށް އުނގެނޭ އިރު ބައެއް ފަހަރު ވަކިކަހަލަ ކަމަކުން ދުރުވާ ފަދަ ކަމެއް ދިމާވުމުން ކިޔަނީ ވިކޭރިއަސްކޮށް ޕަނިޝްވުމެވެ. އަދި ވަކިކަމެއް ކުރާހިތްކުރުވުން ނުވަތަ ކުރުން އިތުރުވާ ގޮތްވާނަމަ ކިޔަނީ ވިކޭރިއަސްކޮށް ރިއިންފޯސްވުމެވެ.

އަމިއްލައަށް ކަންކަން ބެލެހެއްޓުން (ސެލްފް ރެގިއުލޭޝަން)
       ބަންދޫރާ ފާހަގަކުރާގޮތުގައި މާހައުލުން ބަލައިގެން އުނގެނުނަސް އަދި މޮޑެލިން މެދުވެރިކޮށް އުނގެނުނަސް ނުވަތަ ވިކޭރިއަސްކޮށް އުނގެނުނަސް މިއިން ކޮންމެ ބާވަތެއްގައި ވެސް ސެލްފް ރެގިއުލޭޝަން ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ. ސެލްފު ރެގިއުލޭޝަން އަކީ ޙާޞިލުކުރަން ބޭނުންވާ ގޯލާ ހަމައަށް ދިއުމަށްޓަކައި ވިސްނުމާއި ސުލޫކު އަދި އިހުސާސްތައް ވަކިގޮތަކަށް ކޮންޓްރޯލް ކުރުމެވެ. ސެލްފުރެގިއުލޭޓެޑް ލަރނާއިން (ސެލްފްރެގިއުލޭޝަން އުނގެނުމެއް ލިބިފައިވާ) ކުދިންގެ ކިބައިގައި ވަރަށް މުހިއްމު ދެބައެއް ހިމެނެއެވެ. އެއީ އުނގެނުމުގެ ތަފާތު ހުނަރުތަކާއި އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ޤާބިލުކަން، މި ދެ ކަމުގެ ސަބަބުން ބޭނުންވާ ގޯލު ޙާޞިލުކުރުމަށް ފަސޭހަވެގެން ދެއެވެ. މީގެ މާނައަކީ އެކުދިންގެ ކިބައިގައި ކިޔެވުމުގެ ހުނަރާއި އުނގެނުމުގެ ޢަޒުމު ލިބިގެންވާ ވާހަކަ އެވެ.
ކިޔަވައިދިނުމުގައި ސެލްފް ރެގިއުލޭޝަން ބޭނުންކުރާނެ ގޮތް

o        ކިޔަވައިދޭ ބައިތަކާއި އެކު އެބައިތައް ދަސްކޮށް ފަރިތަކުރާނެ ތަފާތު ގޮތްތައް ބުނެދިނުން.
o        މުދައްރިސުގެ ކިބައިން ކުދިންނަށް  ސެލްފު ރެގިއުލޭޝަންގެ މިސާލާއި ނަމޫނާ ފުރިހަމައަށް  ދެއްކުން.
o        ގުރޫޕުގައި މަސައްކަތް ކުރުމުގައި އަބަދުވެސް އެހީތެރިވެދިނުން.

ރިފަރެންސް
1.      އަލްބަރޓް ބަންދޫރާ. (1977). ސޯޝަލް ލާރނިން ތިއަރީ. އެންގަލްވުޑް ކްލިފްސް، އެން ޖޭ: ޕްރެންޓިސް ހޯލް
2.      އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ، ސްތަޑީ ގައިޑް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
3.      ތޯމަސް ފެޓުސްކޯ ،ޖޯން މެކްލުރި. (2005).އެޑިއުކޭޝަނަލްސައިކޮލޮޖީ  މެކްސްސިކޯސިޓީ:ޕިއާރސަން އެޑިއުކޭޝަން.
4.      ޝަހުލާ މުޙައްމަދު .(2013) .އަންސްޓޭންޑިންގ ޕެޑަގޮޖީ އެންޑް ލާރނިންގ ތިއަރީޒްގެ ނޯޓުސް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ. 

                        

މޯޓިވޭޝަން ތިއަރީ

ޝަވްޤުވެރިކަމަކީ ވަކި ކަމެއް ނުވަތަ ލަނޑުދަނޑިއެއް ޙާޞިލު ކުރުމަށްޓަކައި އެ ދިމާއަށް ކުއްޖާ އަމާޒުކުރުވާ އެކަމަށް ބާރުފޯރުވާ، އެކަން ޙާޞިލު ކުރުމަށް ތަފާތު ކަންތައްތައް ކުރުވާ ބާރަށް ކިޔާ ނަމެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައި މީހުންގެ ކިބައިން ފެންނަ އެކަމަށް އަމާޒުކުރުވަނިވި ސުލޫކުތަކެވެ. ކުއްޖާ ޝައުގުވެރިކުރުވާ އެތެރޭގެ ބާރަކާއި، ބޭރުން ނުވަތަ ޙާލަތާއި ގުޅިގެން މާހައުލުން ބާރު ފޯރުވާ ޝައުޤުވެރިކަން ހުރެ އެވެ. މިބާވަތުގެ ބާރުތަކަށް ކިޔާނަމަކީ އިންޓްރިންސިކް މޯޓިވޭޝަން އާއި، އެކްސްޓްރިންސިކް މޯޓިވޭޝަން އެވެ. އިންޓްރިންސިކް މޯޓިވޭޝަން އަކީ ފަރުދީ ގޮތުން ކޮންމެ ފަރުދެއްގެ ވެސް އެތެރޭގެ ބޭނުންތަކުގެ މައްޗަށް ބިނާވެފައިވާ ޝައުޤުވެރިކަމެވެ. އެކްސްޓްރިންސިކް މޯޓިވޭޝަން އަކީ ޙާލަތާ ގުޅިފައިވާ ޝައުގުވެރިކަމެވެ. ޝައުގުވެރިކަން ފާޅުވާގޮތާއި މީހުންގެ ކިބައިން އެކަން މީހުންގެ ކިބައިން އެކަން ހާމަވާގޮތްތަކާއި ބެހޭގޮތުން ތަފާތު ތިއަރިސްޓުންގެ ޚިޔާލު ތަފާތެވެ


ބީ އެފް ސްކިނާގެ ތިއަރީ
ބީ އެފް ސްކިނާގެ ތިއަރީގައި ޝައުޤުވެރިކަން ގުޅުވާފައި ވަނީ ތަރުޙީބު ދިނުމާއި ހިތްވަރު ދިނުމާ އެވެ. ސްކިނާގެ ނަޒަރުގައި ކުދިންގެ ކިބައިން ފެންނަ ރަނގަޅު ސުލޫކުތަކަށް ހިތްވަރުދީ ހެދުމުން އެކަން ތަކުރާރު ކުރުމުގެ ޝައުޤުވެރިކަން ހިތުތެރޭގައި އުފެދެ އެވެ. ޝައުޤުވެރިކަން ގުޅިފައިވަނީ ތަފާތު ހިތްހަމަޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކާއި، އަދި ހިތްހަމަ ނުޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށެވެ. ސްކިނާގެ ނަޒަރިއްޔާގައި ހާމަކޮށްފައިވަނީ ދަރިވަރަކު އަމިއްލައަށް ވަކި މާއްދާއަކާ ގަޔާވުމާއި ނުވުން ގުޅިފައިވަނީ މިފަދަ ތަޖުރިބާތަކާ ކަމުގައެވެ. މިސާލަކަށް، ހިސާބު ކުލާހަށް އެއްބަޔަކު ވަރަށް ގަޔާވެގެން ވަންނަ އިރު އަނެއް ބަޔަކަށް އެއީ ޖަލަކަށް ދިއުން ފަދަ ކަމެކޭ ހީވުމަކީ އެކަށީގެންވާ ކަމެކެވެ. ސްކިނަރ ހާމަކުރައްވާ ގޮތުގައި މި ފަދަ އިޙުސާޞްތައް ގުޅިފައި ވަނީ ކުރިން ކުރެވިފައިވާ ތަޖުރިބާގެ މައްޗަށެވެ. މިހެން ދިމާވާ ސަބަބުތައް ވަރަށް ގިނަ އެވެ. ގިނަފަހަރަށް މިގޮތަށް ދިމާވަނީ ކުރިން ކުރިމަތިވެފައިވާ ތަޖުރިބާއެއްގެ ސަބަބުންނެވެ. ހިސާބު ކުލާހާ ގަޔާވާ ކުދިންގެ ސުލޫކު ގުޅިފައިވާނީ ކުރިން ކުރެވިފައިވާ ހިތްހަމަޖެހޭ އެތައް ގިނަ އިޙްސާސްތަކާއެވެ. ހަމައެހެންމެ، އެކުލާހާ ގަޔާނުވާ ދަރިވަރުންގެ ސުލޫކާއި އިޙްސާސްތައްވެސް ގުޅިފައިވާނީ ކުރިން ކުރެވިފައިވާ ހިތްހަމަނުޖެހޭ، އުނދަގޫ ތަޖުރިބާތަކާއެވެ.  ސްކިނާރގެ ނަޒަރުގައި އިނާމު ދީގެން މިފަދަ ކަންކަމުގައި ޝައުޤުވެރިކަން އިތުރު ކުރެވިދާނެ އެވެ. ނަމަވެސް އިނާމު ދިނުމުގައި ސަމާލުކަން ދޭންޖެހޭ ތިން ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ، ކުދިން އަމިއްލައަށް ޝައުޤުވެރި ނުވާ ކަންކަމުގައި އިނާމު ދިނުމެވެ. ދެވަނަ ކަމަކީ، އިނާމު ކަނޑައެޅި ކަންކަން ފުރިހަމަކުރި މިންވަރަށް ބަލައިފައި އިނާމު ދިނުމެވެ. ތިންވަނަ ކަމަކީ، ދެވޭ އިނާމަކީ ކުރާ މަސައްކަތް ފުރިހަމަ ކުރުމަށް ބާރުއަޅާ ފަދަ ގޮތަކަށް ދެވޭ އެއްޗަކަށް ވުމެކެވެ.
އަލްބަޓް ބަންޑޫރާގެ ތިއަރީ

ބަންޑޫރާ ދެކޭ ގޮތުގައި ކަންކަން ދަސްކުރަނީ ބަލައިގެން، ނަކަލު ކޮށްގެން، އެހެން މީހުންގެ އެފަދަ ތަޖުރިބާތައް އަޑުއަހައިގެން، ދެނެގަނެވިގެން، ފެނިގެން ފަދަ ގޮތްގޮތަށެވެ. މިސާލަކަށް، ބޭބެމެން ދައްތަމެން ރަނގަޅު ނަތީޖާ ހޯދުމުން ލިބޭ އުފާވެރިކަމާއި އިނާމުތައް ފެނި އެކަން އިޙްސާސްކުރެވި ހަގަށް ތިބޭ ކުދިން އެކަން ހޯދުމަށް ބާރު އަޅާ މަސައްކަތް ކުރެއެވެ. ނުވަތަ ކިޔަވައިދިނުމުގެ ތަޖުރިބާގެ ދުވަސްވަރު، ޢަލީގެ ކިޔަވައިނުމާމެދު ލެކްޗަރަރ ހިންހަމަޖެހުނު ވާހަކަ ދެއްކުމުން އެކަން އަޑުއަހަން ހުރި މުޙައްމަދު އޭނާގެ ކިޔަވައިދިނުމުން އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރެ އެވެ. މި ހާލަތުގައި ކަންތައް އެ ހިނގަނީ ބަންޑޫރާ ދެކޭ ފަދައިން އެހެންމީހުންގެ ތަޖުރިބާތައް އަޑުއަހައި ދެނެގަނެވިގެންނެވެ.  

ހިޔުމަނިސްޓުންގެ ނަޒަރިއްޔާ އާއި ޝައުޤުވެރިކަން
ހިޔުމަނިސްޓުން ދެކޭ ގޮތުގައި އިންސާނުންގެ ޝައުޤުވެރިކަމާއި ގުޅިފައިވަނީ އޭނާގެ ބޭނުންތަކާ އެވެ. މިގޮތުން މި ވިސްނުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އަބްރަހަމް މާސްލޯ އެވެ. އަބްރަހަމް މާސްލޯ ހާމަކޮށްފައިވާ ގޮތުގައި، އިންސާނާގެ ޝައުޤުވެރިކަމާ ގުޅިފައިވާ ބޭނުންތައް ތަރުތީބުން ތިން ބަޔަކަށް ބަހާލެވެއެވެ. އެއީ، އަސާސީ ބޭނުންތަކާއި، ނަފްސާނީ ބޭނުންތަކާއި، ނަފުސުގެ ފުރިހަމަކަމަށް ބޭނުންވާ ބޭނުންތަކެވެ. މިގޮތުން، އަސާސީ ބޭނުންތަކުގެ ތެރޭގައި މާސްލޯ ފާހަގަކޮށްފައިވަނީ ހަށިގަނޑަށް ބޭނުންވާ ބޭނުންތަކެވެ. މީގެތެރޭގައި ކާނާ، ފެން، އަޅާލުން އަދި އަރާމު ހިމެނެއެވެ. އެއަށްފަހު އަމާންކަމެވެ. އަސާސީ ބޭނުންތަކަށްފަހު ދެ ބޭނުން ވަނީ ނަފުސާނީ ބޭނުންތަކެވެ. މީގެ ތެރޭގައި ލޯތްބާއި އަޅާލުމާއި ކަރާމާތަށް ބޭނުންވުން ހިމެނެއެވެ. ނަފަސާނީ ބޭނުންތަކަށްފަހު ބޭނުންވާނީ ނަފުސުގެ ފިރިހަމަކަމަށް ބޭނުންވާ ބޭނުންތަކެވެ. މިބައިގައި އަމިއްލައަށް ޙާޞިލުކުރުމަށް ބޭނުންވި ކަންތައްތައް އަމިއްލަ އަށް ޙާޞިލްވިކަމުގެ އިޙުޞާސް ކުރެވޭނެ އެވެ. މާސްލޯ ހާމަކުރައްވާ ގޮތުގައި އޭނާގެ އަޙުރާމުގެ ތިރިން މައްޗަށް އަރަމުންދާއިރު ހުއްޓުމެއް އައިސްފިނަމަ އެ ހިސާބުން ޝައުޤުވެރިކަމަށް ނޭދެވޭ އަސަރު ސީދާގޮތުންނާއި ނުސީދާ ގޮތުން ކުރާނެ އެވެ.

ކޮގްނިޓިވް ނަޒަރިއްޔާތުތަކާއި ޝައުޤުވެރިކަން
މި ތިއަރީތައް ގުޅިފައިވަނީ މީހުން ޤަބޫލުކުރާ ކަންކަމާއި، ޙާޞިލުކުރުމަށް ބޭނުންވާ އުއްމީދުތަކާއި އަންދާޒާ ކުރެވޭ ގޮތްތަކާއި އަދި ވިސްނުމާއެވެ. މި ތިއަރީތަކުގައި ހާމަކުރާ ގޮތުގައި މީހުންގެ ސުލޫކު ގުޅިފައިވަނީ އެމީހުން ވިސްނާ ވިސްނުންތަކާ އެވެ. އެއްވެސް ހާލަތެއްގައި ކުރިން މީހަކު ދިން އިނާމަކުން ނުވަތަ ދިން އަދަބަކުން ވަކިކަހަލަ ސުލޫކެއްގެ މަތީގައި ދެމި ހުރުމަށް މީހާގެ ޢަޒުމް ކަނޑައެއް ނޭޅޭނެ އެވެ. މި ރަޢުޔުގެ މީހުން ސިފަ ކުރެވެނީ ބަދަހި ރޯލެއް އަދާކުރާ އަމިއްލައަށް މަޢުލޫމާތު ހޯދާ އުނގެނުމަށް މަސައްކަތް ކުރާ އަދި މައްސަލަތައް އަމިއްލައަށް ޙައްލުކުރާ ފަތާތްތަކެއްގެ ގޮތުގަ އެވެ. މި ވިސްނުމާއި ޖުމުލަ ހަތަރު ނަޒަރިއްޔާއެއް ގުޅިފައި ވެއެވެ. މި ވިސްނުމާއި ގުޅިފައިވާ ނަޒަރިއްޔާތުތައް ތިރީގައި އެވަނީ އެވެ.
1. އެކްސްޕެކްޓެންސީ ކޮގްނެޓިވް ލާނިން ތިއަރީ ބެހޭބައިތައް:  
-         ކޮގްނެޓިވް ލާނިންގް ތިއަރީ 4 ބަޔަކަށް ބެހެއެވެ.
-         ސެލްފް އެފިކަސީ ތިއަރީ (އަމިއްލަ ނަފުސުގެ ގާބިލުކަމާއި ގުޅިފައިވާ ނަޒަރިއްޔާތު)
-         އެކްސްޕެކްޓެންސީ ތިއަރީ ( ހާސިލުކުރަން ބޭނުންވާ ކަންކަމާއި އުއްމީދުތަކާއި ގުޅިފައިވާ ނަޒަރިއްޔާތު)
-         ގޯލް އޮރިއެންޓޭޝަން ތިއަރީ (ލަނޑުދަނޑިއާއި ލަނޑުދަނޑިތަކާއި ގުޅޭވިސްނުން ހިމެނޭ ނަޒަރިއްޔާތު)
-         އެޓްރިބިއުޝަން ތިއަރީ ( ކަމެއް ހާސިލުކުރުމުގައި ކާމިޔާބާއި ނާކާމިޔާބު ހިއްސާވާ މިންވަރާއި ގުޅިފައިވާ ނަޒަރިއްޔާތު)
ސެލްފް އެފިކަސީ އަކީ ކޮބާ؟
އެލްބާރޓް ބަންދޫރާ ބުނާ ގޮތުންނަމަ، ސެލްފް އެފިކަސީ އަކީ "ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ކަމެއް ކުރުމަށް ތިމާއެކަމެއް ރާވައި ލަޔާޤަތާއި ގާބިލިއްޔަތުކަމާއެކީ ކުރުން"
-         ކާމިޔާބުވެވޭނޭކަމަށް ތިމާ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ޔަޤީންކުރާ ޔަޤީންކުރުމެވެ.

ސެލްފް އެފިކަސީ ވަރުގަދަ މީހުން
ގޮންޖެހުންތައް ދެކޭނީ ތިމާ އެންމެ ކުޅަދާނަވާން ޖެހޭ ކަމެއްގެ ގޮތުގަ
-         ތިމާ ބައިވެރިވާ ހަރަކާތްތަކުގައި ފުން ޝައުޤުވެރިކަމެއް އުފައްދާނެ
-         ތިމާގެ ޝައުޤުވެރިވާ ކަންތައްތަކާއި އެހެނިހެން ހަރަކާތްތަކަށް ވަރުގަދަ އަޒުމެއް ގެންގުޅޭނެ
-         ހިތާމައާ މޮޅުވެރިކަމެއް ދިމާވުމުން އަވަހާ އެކަމުން ސަލާމަތްވާން މަސައްކަތްކުރާނެ
-         މިސާލު
-         ސްޕީޗް ކްލާހުގައި ޕްރެޒެންޓޭޝަންއެއް ހުށަހަޅާއިރު ވަރަށް ކެރިގެން އިތުބާރާއެކީ އެއްވެސް ހާސްކަމެއް ނެތި ހުށަހަޅަން ކެރޭނަމަ، މިޙާލަތުގައި ތިމާގެ ސެލްފް އެފިކަސީ ވަރަށް ވަރުގަދައެވެ. މީގެ ނަތީޖާއަކަށް ވެގެން ދަނީ ޕްރެޒެންޓޭޝަން ކްލާހުގައި ހުށަހެޅުމަށް އިތުރު ހިތްވަރަކާ ޖޯޝެއް ލިބި ރަނގަޅަށް ހުށަހަޅައިދެވުމެވެ. މިކަމުން ތިމާގެ މަސައްކަތް އިތުރަށް ފުރިހަމަވެގެން ދިއުމެވެ.
ސެލްފް އެފިކަސީ ބަލިކަށި މީހުން   
-         ގިނަ ގޮންޖެހުންތައް ހުންނަ ހަރަކާތްތަކުން ދުރުވެވޭތޯ ބަލާނެ
-         ދަތި އުނދަގޫ މަސައްކަތްތަކާއި ޙާލަތްތަކަކީ ތިމާއަށް ކުޅަދާނަ ކަމެއްގެ ގޮތުގައި ނުދެކޭނެ
-         ހިތާމައާ މާޔޫސްކަމުގެ މައްޗަށް ވިސްނާ ފިކުރުކުރާނެ
-         ތިމާގެ ހުނަރާއި ކެރިކުޅަދާނަވާ މިންވަރުގެ މައްޗަށް އުއްމީދު ކަނޑާލާނެ
މިސާލު:
ނަފްސާނީ ކްލާހެއްގައި މަލްޓިޕަލް ޗޮއިސް ޓެސްޓެއް ހެދުމަށް ޖެހިލުންވާ ކަމުގައިވާނަމަ،  ތިމާގެ ސެލްފް އެފިކަސީ ވަރަށް ކުޑައެވެ. މީގެ ނަތީޖާއަކަށް ވެގެން ދާނީ ޓެސްޓަށް ދަސްކުރުމަށް އެއްވެސް ކަހަލަ ޖޯޝެއް ނެތުމާއި ކާމިޔާބު ކުރުމަށް ވެސް އެއްވެސް ހިތްވަރެއް ނުކުރެވުމެވެ. މިކަމުގެ ސަބަބުން ނަތީޖާ ދައްވެގެން ދާނެއެވެ.
ސެލްފް އެފިކަސީ ގެ ބައިތައް (އަސާސްތައް)  
ސެލްފް އެފިކަސީ ކުރިއަރާނީ ކިހިނެއް؟
1-    ލަޔާޤަތާއި ޤާބިލިއްޔަތުހުރި ތަޖުރިބާ ( Mastery Experiences)
-         ބަންދޫރާ ދެކިލައްވާ ގޮތުގައި "ސެލްފް އެފިކަސީ ތަރައްޤީ ކުރެވޭނެ އެންމެ ވަރުގަދަ ގޮތަކީ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި ތަޖުރިބާގެ އަލީގަ"
-         މަސައްކަތެއް އެންމެ ކާމިޔާބުކަމާއެކީ ކުރުމުން ސެލްފް އެފިކަސީ އިތުރަށް ވަރުގަދަ ވެގެންދެއެވެ.
-          އެހެންނަމަވެސް، މަސައްކަތެއް އޭގެ އެންމެ ފުރިހަމަ ކަމާއެކީ ނުކުރުމުން ނުވަތަ ނުކުރެވުމުން ސެލްފް އެފިކަސީ ބަލިކަށިވާގޮތްވެއެވެ.
2-    އިޖުތިމާއީ ހަރަކާތްތެރިކަން ( Social Modeling)
-         އެހެން މީހުން މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރާތަން ބެލުމަކީވެސް ސެލްފް އެފިކަސީ ގެ މުހިންމު އެއްބައި
-         ބަންދޫރާ ބުނާގޮތުން، " ތިމާ ކަހަލަ އެހެން މީހަކު ހިތްވަރާ ކެރިގެން ބުރަކޮށް މަސައްކަތް ކުރާތަން ބެލުމުން ތިމާއަށް ވެސް ހަމަ އެކަހަލަ ކަމެއް ކާމިޔާބުކަމާއެކީ ކުރެވިދާނެ ކަމައް ހިތްވަރު ލިބޭ
3-    އިޖުތިމާއީ ހިތްވަރު ( . Social Persuasion)
-         ބަންދޫރާ ޤަބޫލްކުރާ ގޮތުގައި ތިމާއަށް ކަމެއް ކުރެވިދާނެކަން އަދި އެކަން ކުރުމުގެ ހުނަރާއި ޤާބިލިއްޔަތުކަން ތިމާގެ ކިބައިގައި ހުރިކަމުގެ ވިސްނުން އެހެން މީހުންނަށް ވިސްނާދިނުން
-         ތިމާއަށް މީހަކު ހިތްވަރުލާދީ ރަނގަޅު ޕޮޒިޓިވް ވާހަކައެއް ބުނި ފަހަރެއް ހަނދާން ކޮށްލުން
-         އެހެން މީހުންގެ ފަރާތުން ހިތްވަރުލާދިނުމުގެ ބަސްތައް އަޑުއިވުމަކީ ތިމާގެ އަމިއްލަ ނަފްސަށް ކުރެވޭ ކުށްހީތަކާއި ޝައްކުތައް ފިލައިގެން ދިޔުމަށް އެހީވެދޭ ކަމެއް
4-    ނަފްސާނީ ޒިންމާތައް (Psychological Responses)
-         ދިމާވާ ޙާލަތްތަކުގައި ތިމާގެ އަމިއްލަ ޒިންމާތަކާއި ޖަޒުބާތުތަކަކީ ސެލްފް އެފިކަސީ ގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.  ބަންދޫރާ ބުނާގޮތުގައި "މިހުންމީ ޖަޒުބާތާއި އިހުސާސްތަކާއި ޖިސްމާނީ ހަރަކާތްތަކެއްނޫން، އެކަމަކު އެކަމެއް އޮޅުންފިލުވައި ބަލައިގަންނަ ގޮތް".  
އުނދަގޫ ޙާލަތެއް ނުވަތަ މަސައްކަތެއް ލިބުމުން ތިމާގެ "ސްޓްރެސް" ނުވަތަ ހާސްކަން ކުޑަކުރަން މަސައްކަތް ކުރާގޮތާއި ތިމާގެ އިހުސާސްތައް ދެނެގަނެ ބަދަލުކުރަން އިނގުމުން، ސެލްފް އެފިކަސީ އިތުރަށް ރަނގަޅުކޮށް ތަރައްޤީ ވެގެންދޭ

އެޓުރިބިއުޝަން( Attribution theory)      
އެޓްރިބިއުޝަން ތިއަރީއަކީ ކަމެއް ޙާޞިލިކުރުމުގައި ކާމިޔާބާއި ނާކާމިޔާބު ވުމަށް މެދުވެރިވާތަފާތު ކަންކަން ގުޅިފައިވާ ތިއަރީއެއްގެ ގޮތުގައެވެ. މި ގޮތުން ޢާއްމު ގޮތެއްގައިކަމެއް ކާމިޔާބުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ފާހަގަކުރެވެނީ:
·        ކަމަށްހުރި ޤާބިލްކަން.
·         ކަމުގެ އުނދަގޫ ފަސޭހަ މިންވަރު ދެނެގަނެވި ކުރެވޭ މަސައްކަތް.
·        އެކަމަށް އެހެންމީހުންގެ އެހީތެރިކަން ލިބޭ މިންވަރާއި އަދި އެކަމުން ކާމިޔާބުނުވުމަށް އެހެންމީހުންގެ ފަރާތުން ދިމާވެދާނެ ހުރަސްތައް.
·        ކަން ޙާޞިލްކުރުމަށް ބޭނުންކުރިގޮތަށް.
                          
އެޓްރިބިއުޝަން ބަހާލެވޭ މައިގަނޑު 3 ބައި

(Locus)ކޮންޓްރޯލް ކުރުމަށް މެދުވެރިކުރުވި ސަބަބު: އަމިއްލަ ކަމަކުން އަސަރުކޮށްގެން (އިންޓާރނަލް)ނުވަތަ ބޭރުން ކޮންމެސް ކަމަކުން އަސަރު ކޮށްގެން(އެކްސްޓާރނަލް) މިކަމުގައި ދަރިވަރުން ޤަބޫލުކުރާނީ އޭނާއަށް ކަމެއް ކާމިޔާބުވުމަށް ނުވަތަ ނުވުމަށް މެދުވެރި ކުރުވާ ސަބަބުތަކެއް ވާކަމެވެ. މިސާލަކަށް އަމިއްލަ ނަފުސަށް ބޮޑަށް އިތުބާރު އޮތުމުގެ ސަބަބުން އިމްތިހާނުތަކުގައި ރަނގަޅު ނަތީޖާ ހޯދުން.

1.     (Stability) ބަދަލުވުމާއި ނުވުން  (ވަގުތީ ގޮތަކަށް (Temporaryނުވަތަ ދާއިމީ ގޮތަކަށް (ޕާރމެނަންޓް) މިކަމުގައި ދަރިވަރުންނަށް ޤަބޫލުކުރެވޭނީ ކަމެއް ޙާޞިލުކުރުމަށް މެދުވެރި ކުރުވި ސަބަބުގެ ބަދަލުވުމާއި ނުވުން އެކަމެއް ކާމިޔާބު ވުމަށް ވަރަށް ބޮޑަށް އަސަރު ކުރުވާ ކަމެއް ކަމެވެ.
2.     ކޮންޓްރޯލްކުރުމާއި ދަރިވަރުގެ މަސްއޫލިއްޔަތުControllability)) އަމިއްލައަށް ކޮންޓްރޯލްކުރެވޭ (ކޮންޓްރޯލަބަލް) ނުވަތަ ކޮންޓްރޯލެއްނެތް (އަންކޮންޓްރޯލަބަލް) މިކަމުގައި ދަރިވަރުންގެ ވިސްނުން ގުޅިފައިވާނީ ކަމެއް ކާމިޔާބުކުރުމުގައި ނުވަތަ ކަމެއް ބަދަލު ކުރުމުގައި މަސްއޫލިއްޔަތު ވަނީ އޭނާގެ އޭނާގެ ބާރުގެ ދަށުގައި ކަން ނުވަތަ ނޫންކަމެވެ.
މިސާލަކަށް:
 1. އަމިއްލަކަމަކުން އަސަރުކުރުވާ، ދާއިމީކޮށް އެއްގޮތެއްގައިހުރުން، ކޮންޓްރޯލުކުރެވޭ. (މަލްޓިޕަލް ޗޮއިސް  ޓެސްޓަށް ކިޔެވުމަށް އަހަރެން ވަރަށް މޮޅު  އެހެންކަމުން ދެން އަންނަ އިންސްޓްރަކްޝަނަލް  ސައިކޮލެޖީގެ އިމްތިޙާނުގައި އަހަރެން ވަރަށް ރަނގަޅަށް ހަނދާނަށް).
2. އަމިއްލަކަމަކުން އަސަރުކުރުވާ، ދާއިމީކޮށް  އެއްގޮތެއްގައިހުރުން، ކޮންޓްރޯލުނުކުރެވޭ.
(މަޒްމޫނު ވައްތަރުގެ ސުވާލުތައް އަބަދުވެސް އަހަރެންނަށް ވަރަށް އުނދަގޫ އެހެންވެ ދިވެހިބަހުގެ ތާރީޚްގެ އިމްތިޙާނު އަހަރެންނަށް ރަނގަޅަކަށް ނުހެދޭނެ.)


އުނގަންނައިދިނުމުގައި  މޯޓިވޭޝަން ތިއަރީގެ މުޙިއްމުކަން
މޯޓިވޭޝަން ތިއަރީއަކީ އުނގަންނައިދިނުމުގައި ވަރަށް މުހިއްމު ތިއަރީއެއް ކަން ފާހަގަ ކުރެވެއެވެ. ސަބަބަކީ، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އެކަމެއް ޝައުޤުވެރިކަމާއެކު ކޮށްގެން ކަމަށްވާތީއެވެ. މި ތިއަރީގެ އަލީގައި ކުދިން ފިލާވަޅުތަކަށް ޝައުޤުވެރި ކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ. މިގޮތުން، އުނގެނުމަކީ ކުދިންނަށް މާނަހުރި އެއްޗަކަށް ހެދުމަށްޓަކައި ކުދިންގެ މިޒާޖާ ގުޅޭ ކުދިން ގަޔާވާ ޓާސްކުތަކެއް ދެވިދާނެ އެވެ. އަދި ހުރިހާ ކުދިންނަށް ހަމަހަމަ ވާނެހެން ފުރުޞަތު ދެވިދާނެއެވެ. ހަމައެހެންމެ ކުދިންގެ މަސައްކަތަށް ހިތްވަރުދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި ދަރިވަރުންނަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ މާޙައުލެއް ޤާއިމްކުރުމަކީ ވެސް ވަރަށް މުޙިއްކު ކަމެކެވެ. 

ރިފަރެންސް
1.      އަލްބަރޓް ބަންދޫރާ. (1977). ސޯޝަލް ލާރނިން ތިއަރީ. އެންގަލްވުޑް ކްލިފްސް، އެން ޖޭ: ޕްރެންޓިސް ހޯލް
2.      އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ، ސްތަޑީ ގައިޑް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
3.      ތޯމަސް ފެޓުސްކޯ ،ޖޯން މެކްލުރި. (2005).އެޑިއުކޭޝަނަލްސައިކޮލޮޖީ  މެކްސްސިކޯސިޓީ:ޕިއާރސަން އެޑިއުކޭޝަން.

4.      ޝަހުލާ މުޙައްމަދު .(2013) .އަންސްޓޭންޑިންގ ޕެޑަގޮޖީ އެންޑް ލާރނިންގ ތިއަރީޒްގެ ނޯޓުސް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ.